ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން ރޭ ވެސް މާލެއިން 16 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން “އެކްސް”ގައި ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރޭވެސް މާލޭގެ 04 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
“ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިރޭ ވަނީ މާލޭގެ 04 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައި.” އިމިގްރޭޝަން
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް ދާދިފަހުން އިމިގްރޭޝަނުން ވަނީ “އިމިގްރޭޝަން ވޮޗް”ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ލޯންޗްކޮށްފައެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން އެދެއެވެ.



