ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން އެކުދިން ސަލާމަތް ކުރުމަށް މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކިން ހާއްސަކޮށް ހުތުބާތަކުގައާއި ދީނީ އިލްމްވެރިންގެ ދަރުސް ތަކާއި ޕްރޮގްރާމްތަކުން މިކަމުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމަށެވެ.
ކުޑަކުދިންނަށް ކުރަމުންދާ އެކި ބާވަތް ބާވަތުގެ އަނިޔާއާއި ގޯނާގެ މައްސަލަތައް ދުވަހުން ދުވަހަށް ރާއްޖޭގައި އިތުރުވަމުން އަންނަކަން ކޮންމެ މަހަކު މިނިސްޓްރީ އޮފް ޖެންޑާއިން ހާމަކުރާ ތަފާސް ހިސާބުތަކުން އެނގެން އެބައޮތެވެ. އަދި ހާއްސަގޮތެއްގައި އިތުބާރު ހިފޭ މަގާމުތަކުގައި ތިބެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް މިހާރުވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޖެންޑާ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާރޗްމަހު އެކަނިވެސް ކުޑަކުދިންނަށް އަނިޔާކުރުމުގެ 126 މައްސަލަ ހުށަހަޅާފައިވެއެވެ. ނަމަވެސް މިފަދަ ކުށްތަކަށް އަރައިގަންނަ މީހުން އެއްވެސް ހުރަހެއްނެތި މުޖުތަމައުގައި ދިރިއުޅެމުން ދިއުމަކީ ގިނަ ބަޔަކު މިކަމާ ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.