ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލި މީހަކު އަލުން ހައްޔަރުކުރުމަށް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިއަމުރާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) އެވެ.
މުޙައްމަދު ބިޝާރު އިސްމާޢީލްއަކީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 2020 ޖަނަވަރީ 19 ވަނަ ދުވަހު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމާ ގުޅިގެން 2021 މެއި 26 ވަނަ ދުވަހު ކްރިމިނަލް ކޯޓުންވެސް ވަނީ މުޙައްމަދު ބިޝާރު އިސްމާޢީލް ޝަރީއަތުން ގޮތެއް ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދަޢުވާ ލިބޭ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުންވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އަދި މުޙައްމަދު ބިޝާރު އިސްމާޢީލް ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2021 ޑިސެމްބަރު 23 ވަނަ ދުވަހު ހައިކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތްކަމަށް ހުކުމްކޮށްފައެވެ.
ފުލުހުން ބުނީ ހައިކޯޓުގެ އެހުކުމާ ގުޅިގެން މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަނަމަވެސް، މިހާތަނަށް ކުރެވެނު މަސައްކަތުން އޭނާ ހޯދިފައެއްނުވާ ކަމަށެވެ. އެހެންކަމުން މުޙައްމަދު ބިޝާރު އިސްމާޢީލް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ..