20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެންދުރު ނަމާދުގެ ވަގުތައް 1 ގަޑިއިރަށް މެދުކަނޑާލަން ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
“އެކްސް”ގައި އަބްދުލް ރަހީމް މިއަދު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދު އެކުލަވާލި އިރު މެންދުރު ނަމާދު ވަގުތު ޖަލްސާ ކުރިއަށް ނުގެންދާގޮތަށް ގަވާޢިދުގައި ހިމަނާފައިވާ ކަމަށެވެ.
ކުރިން މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލަން ނިންމާފައި އޮތީ މެންދުރު 12:30 އިން 13:00 އަށް (ބައިގަޑިއިރަށް) ކަން އަބްދުލް ރަހީމް ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް ކުރިން އޮތްގޮތް ބަދަލުކޮށް މަޖިލީހުގެ ޖަލްސާ 12 ޖަހާއިރު މެދު ކަނޑާލުމަށްފަހު 1 ގަޑި އިރުގެ ހުސްވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ 13:00ގައި ފެށުމަށް ނިންމާފައިވާކަމަށް އަބްދުލް ރަހީމް ވަނީ ވިދާޅުވެފައެވެ.
“20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދު އެކުލަވާލި އިރު މެންދުރު ނަމާދު ވަގުތު ޖަލްސާ ކުރިއަށް ނުގެންދާގޮތަށް ގަވާޢިދުގައި ވާނީ ހިމަނާފައި. އެ ގޮތުން މީގެ ކުރިން 12:30 ގައި މެދު ކަނޑާލާގޮތަށް އޮތް އޮތުން 12 ޖަހާއިރު މެދު ކަނޑާލާގޮތަށް ބަދަލުކޮށް 1 ގަޑި އިރުގެ ހުސްވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ ފަށާނީ 13:00ގައިކަމަށްވާނީ ނިންމާފައި.” ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުލް ރަހީމް ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ 17ވަނަ ޖަލްސާގެ ތެރެއިން ވަނީ މެންދުރު ނަމާދު ވަގުތުގެ ބަންގި އިއްވާފައެވެ.
މަޖިލީހުގައި މީގެ ކުރިން ޖަލްސާތައް ކުރިއަށްދާއިރު ނަމާދު ވަގުތާ ދިމާވާނަމަ ޓީވީތަކުން ލައިވްކުރާއިރު ބަންގިއަށް މެދުކަނޑާލައެވެ. ނަމަވެސް ޖަލްސާ ކުރިއަށްދެއެވެ. ރިޔާސަތުން ބައެއްފަހަރު ބަންގި ވަގުތު ކަމަށް އަންގައި ބަހުސް މެދުކަނޑާލިނަމަވެސް މިއީ ތަޅުމުގައި ބަންގި އަޑުއިއްވާލި ފުރަތަމަ ފަހަރެވެ.