ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން، ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަންޖެހޭތީ، އެ އިންތިޚާބުތައް ގާތްގާތުގައި ނުބާއްވާ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ލޯކަލް ކައުންސިލްގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއިލް ޝަފީއު އެވެ.
މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ލޯކަލް ކައުންސިލްތަކުގެ ހުސްވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވަންޖެހޭ ބައި-އިލެކްޝަންތައް، 60 ދުވަހުގެ ތެރޭގައި ބާއްވަންޖެހެއެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅާފައި ވަނީ އެ މުއްދަތު 183 ދުވަހަށް ބަދަލު ކުރުމަށެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ ބައި އިލެކްޝަންތައް ދެން ބާއްވަން ޖެހޭނީ އަހަރަކު ދެ ފަހަރު އެވެ.
މީގެއިތުރުން އެ މަގާމު ހުސްވިއިރު އެ ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިޚާބުކުރުން ލާޒިމު ނޫން ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ. އަދި ބައި-އިލެކްޝަނަކުން އެ މަގާމަށް އިންތިޚާބުކުރެވޭ ފަރާތަކަށް ކައުންސިލް ރައީސްގެ މަގާމުގައި ދެމިހުރެވޭނީ އެ ކައުންސިލްގެ އުމުރު ހަމަވަންދެނެވެ.
އަހަރަކު ދެ ފަހަރު އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އެ ގާނޫނަށް އިސްލާހު ހުށަހެޅި ނަމަވެސް ސަރުކާރުން ވަނީ ބައެއް ހާލަތްތަކުގައި ކުރިން ވެސް އަމަލު ކުރަމުން އަންނަ ގޮތަށް 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ޖެހޭ ގޮތަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައިފަ އެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލެއްގެ ރައީސް ނުވަތަ މޭޔަރުގެ މަގާމް ހުސްވެއްޖެ ނަމަ އެ މަގާމު ހުސްވާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި އެ މަގާމަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ކައުންސިލްގެ ނައިބު ރައީސް ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވެއްޖެ ނަމަ 30 ދުވަސް ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް ނައިބު ނުވަތަ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވާއިރު، ރައީސް ނުވަތަ މޭޔަރުގެ މަގާމް ވެސް ހުސްވެފައިވާ ނަމަ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ އިސްލާހުގައި ވެ އެވެ.
އިސްލާހުތައް، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައުމަށްޓަކައި ކާށިދޫ ދާއިރާގެ މެންބަރު މުންތަސިމް އިބްރާހީމްވެސް ވަނީ ހުށަހަޅުއްވާފައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ގާނޫނު ފާސްވެ، ތަސްދީގުކޮށް، ސަރުކާރުން ގެޒެޓުކުރާ ތާރީޚުން ފެށިގެން ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.