ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި 15 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ފުލުހުން އަދި ކަސްޓަމްސްއިން ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، މިތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ހަތަރު ގައުމެއްގެ މީހުން ވެގެން މެލޭޝިއާ މީހަކު ލައްވައިކަމަށެވެ.
ފުލުހުންގެ ނާކޮޓިކްސް ކޮންޓްރޯލްގެ އޮޕަރޭޝަންސް ހެޑް ޗީފް އިންސްޕެކްޓަރ އިބްރާހިމް އިމްރާން ވިދާޅުވީ މި މައްސަލައިގައި އުމުރުން 44 އަހަރުގެ ފިރިހެނަކާއި، 41 އަހަރުގެ މެލޭޝިއާގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިދީފައިވާތީ އެ މީހުންނާއި ސުވާލުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ.
މިތަކެތީގެ މަގުމަތީއަގު 12.3 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސްއިމްރާން ވިދާޅުވި އެވެެ. މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މީގެއިތުރުން އާންމުކޮށް މިފަދަ މައްސަލަތުގައި ދިވެހިންގެ ބައިވެރިވުން ވެސް އޮންނާތީއާއި، އަދި ރާއްޖެއަށް އެތަކެތި އެތެރެ ކުރާނީ ވިޔަފާރި އުސޫލުން ވިއްކުމަށް ވަކިބަޔަކާއި ގުޅިގެންކަމަށްވުމުން ދިވެއްސެއްގެ އެއްވެސް ބައިވެރިވުމެއް ހިމެނޭތޯ ބަލަމުންދާކަމަށް އިމްރާން ވިދާޅުވި އެވެ. މިހާތަނަށް ބެލިބެލުމުން ހަތަރު ގައުމެއްގެ މީހަކެއްގެ ބައިވެރިވުން އޮތްކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ވިދާޅުވީ، މިއީ މިއަހަރު މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.
މި މީހާ ދަތުރުކުރި މަގު އޮޅުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކޮށް ކަސްޓަމްސްގެ ސްޕްރިންޓެންޑެންޓް ވިދާޅުވީ އޭނާގެ އަތުން ފޭކް ޓިކެޓުތަކެއް ވެސް ފެނިފައިވާ ކަމަށެވެ. މީނާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީ މަގުންކަމަށް މައުލޫމާތު ދީފައިވެއެވެ.



