ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ފާސްކޮށްފިއެވެ.
އާ ގަވަރުނަރުގެ މަގާމަށް މުނައްވަރު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޭނާގެ ނަން މަޖިލީހަށް ފޮނުއްވީ، މީގެކުރިން ގަވަރުނަރުކަމުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި އެކޮމިޓީގެ ބައްދަލުވުމުގައެވެ. މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ފާސްވީ ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މުނައްވަރާ ބެހޭގޮތުން އެކިއެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ކޮމިޓީއަށް ވަނީ ހޯދައިފައެވެ. އެހެންކަމުން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ މުނައްވަރާ އިންޓަވިއު ކުރުމެވެ.
ދެ ގަޑިއިރަށް ކުރިއަށްދިޔަ އިންޓަވިއުއަށް ފަހު، މުނައްވަރު އެ މަގާމަށް އައްޔަން ކުރަން 70 އަށް ވުރެ ގިނަ މާކްސް ލިބިފައިވާ ކަމަށް ވިދާޅުވެ، އެ މަގާމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްއެވެ.
މުނައްވަރު މިހާރު ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ ގޮތުގައެވެ. އޭނާއަކީ ކުރިން ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.