އައްޑޫގެ ކަރަންޓު މައްސަލަ އޮގަސްޓު މަހުގެ ތެރޭގައި ހައްލުވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު ވަނީ ހާޒިރުކޮށްފައެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުން ހިތަދޫ ޕަވާސްޓޭޝަންގެ އެއްވެސް މަރާމާތެއް ނުވަތަ އަޕްގްރޭޑެއް ގެނެސްފައި ނުވާތީީ ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.
މީގެއިތުރުން އިންޖީނުގެޔަށް ބޭނުންވާ ޖަނަރޭޓަރުތައްވެސް ނުގެނެވި ކަރަންޓުގެ ނިޒާމު ފުނޑިފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އާ އިންޖީނުގޭގެ ބައެއް ހަދާފައިވީ ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގޮސް މަޑުޖެހިފައިވަނިކޮށް މި ސަރުކާރުން އެ މަސައްކަތް ވެސް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވިދާޅުވީ އައްޑުއަށް އެންމެ ބާރުބޮޑުވާ ވަގުތު 12 މެގަވޯޓްގެ ކަރަންޓު ބޭނުންވާ ކަމަށެވެ. އެ ސިޓީގައި ހުންނަނީ 20 ޖެނަރޭޓަރުގެ ޖުމުލަ 26.8 މެގަވޮޓް ލިބޭ ޖެނަރޭޓަރު ސެޓެއް ކަމަށާއި، މީގެތެރެއިން 5 ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް މިނިސްޓަރު ތާރިގް ވިދާޅުވިއެވެ. އަދި މިހާރު އުފެއްދެނީ 15 މެގަވޮޓްގެ ކަރަންޓުކަން މިނިސްޓަރު ތާރިގް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޕީކް ގަޑީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތް ނިމުމުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ކުރު ރާސްތާ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ތާރިގް ވަނީ ވިދާޅުވެފައެވެ.