މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޒަކާތު ފަންޑަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށާއި، އަމާޒަކީ އަހަރު ނިމޭ އިރު މި އަދަދު ދެގުނަ ކުރުން ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންވެ. އެ ޕްރޮގްރާމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ދީނީ ދާއިރާއާ ގުޅޭ ހުރިހާ ކަމެއް މިހާރު ފެށިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ އެންމެ ކުރީކޮޅު ޒަކާތާބެހޭ ކަންކަމަށް ހާއްސަކޮށްގެން ވަކި އިދާރާއެއް ވުޖޫދަށް ގެނައުމަކީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ފުޅާކޮށް ފުރިހަމަކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއްކަމަށެވެ.
ޝަހީމް ވިދާޅުވީ، އަމާޒަކީ އަހަރު ނިމިގެންދާއިރު 100 މިލިއަނާ ގާތް ކުރާ އަދަދަކަށް ޒަކާތު ފަންޑަށް ފައިސާ ޖަމާކުރުން ކަމަށާއި އެެ އަދަދަށް ވާސިލް ވެވިއްޖެނަމަ ތާރީޚީ ކަމަކަށްވާނެ ކަމަށެވެ.
މިނިސްޓަރު ވަނީ ޒަކާތު ހައުސްއަކީ ދިވެހިން ފަހުރުވެރިވާ ފަދަ މުވައްސަސާއަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.



