މާލޭގެ އަސްރަފީ މަގުގައި މާރާމާރީ ހިންގި ބިދޭސީންތައް ހައްޔަރުކޮށް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މާލޭގައި ހިނގި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ 06 ބިދޭސީއަކު އިމިގްރޭޝަނާ ރޭ ހަވާލުކޮށްފައި ކަމަށެވެ. އަދި އިމިގްރޭޝަން ޤާނޫނުގެ ދަށުން މި ހުރިހާ ބިދޭސީންގެ ވިސާ ބާތިލުކޮށް، ޑީޕޯޓުކުރުމަށް މިހާރު ވަނީ ނިންމާފައި ކަމަށް ވެސް އެ އިދާރާއިން ހާމަކުރެއެވެ.
މިމާރާމާރީ އާއި ގުޅިގެން ދެ ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާވެސް ދިނެވެ.
މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާއިރު އެ މީހުންނާއި ގުޅޭ ގިނަ މައްސަލަތަކެއް ވެސް ދަނީ ފެންމަތިވަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އާބާދީއަށް ބަލާއިރު ގިނައީ ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ މީހުނެވެ.