ނ. ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނަށް ބިރުދައްކާ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ސައިކަލެއްގައި އަލިފާން ރޯކޮށްލި މީހުން ހައްޔަރުކޮށް، އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި މަހުގެ 1 ވަނަ ދުވަހު ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ ރޯކޮށްލި މައްސަލައިގައި ކޯޓް އަމުރެއްގެ ހައްޔަރުކޮށްފައި ވަނީ ހެނބަދޫ ސެލްވިއޯ، އިލްޔާސް އިބްރާހީމް، 33 އާއި އެ ރަށު ހުދު ތަރި، މުހައްމަދު އިރުޝާދު، 33، އެވެ.
މި މައްސަަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ހައްޔަރުކުރި މީހުން ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުން ދޭނެ ކަމަށް ބުނެ އެ މީހުން އިންޒާރު ވެސް ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.



