ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންނަށް ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯއްދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރަންޖެހޭ ކަމަށް މިއަދުގެ ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާ ހާއްސަކޮށްފައިވަނީ “ޢާއިލީ ގުޅުން ދެމެހެއްޓުން” މި މައުޞޫއުގެ މައްޗަށެވެ.
އެގޮތުން ޙުތުބާގައި ވަނީ ތާރީޚީ ގޮތުން ބަލާ އިރު އިންސާނިއްޔަތު ދުށް ފުރަތަމަ ޖަމާޢަތަކީ ޢާއިލާކަމަށްވާއިރު، ޢާއިލާއެއް ފެށިގެން އަންނަނީ ކައިވެނީގެ ބަދަހި މަތިވެރި ގުޅުމުން ކަމަށް ބުނެފައެވެ. އަދި އާއިލާއެއްތެރޭގައި ކޮންމެ ފަރުދަކުވެސް އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވާއިރު، އާއިލީ ި ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ ޢާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާން ޖެހޭ ވާޖިބެއް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ.
“ޢާއިލީ ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރާންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެވެ. މައިންބަފައިންނާއި ދަރިންނާމެދު އޮންނަ ގުޅުމާއި މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތަކާއި ވާޖިބުތަކާއި ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތަކާއި ވާޖިބުތަކެވެ. އަދި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަޚުންނާއި އުޚުތުންގެ ގުޅުންތަކާއި އެފަރާތްތަކުގެ ޙައްޤުތަކާއި ވާޖިބުތަކެވެ. މާމައިންނާއި ކާފައިންނާއި ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންނާއި އެ މީހުންގެ ދަރީންގެ މެދުގައި އޮންނަންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެވެ. އެހެންކަމުން މި ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ ޢާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާން ޖެހޭ ވާޖިބެކެވެ.” ޙުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ޙުތުބާގައި ވަނީ ޢާއިލީ ޒިންމާގެ ތެރޭގައި މުޖުތަމަޢަށް ބޭނުންވާ ހުރިހައި ދާއިރާތަކަށް މީހުން ބިނާކުރުން ހިމެނޭކަމަށް ބުނެފައެވެ. އޭގެ ތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރީންނާއި، މަސައްކަތްތެރީންނާއި، ފާރަވެރީން އުފެއްދުން ހިމެނޭކަމަށް ޙުތުބާގައި ފާހަގަކޮށްފައި ވެއެވެ.
ޙުތުބާގައި ވަނީ އާއިލާގައި ހިމެނޭ ތަނަވަސްކަން ލިބިގެންވާ މީހުން، ދަތިޙާލުގައި އުޅޭ މީހުންނަށް އެކިގޮތްގޮތުން އެހީތެރިވުމަށާއި، ޢާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަން ޤާއިމުކުރުމަށް ނަސޭހަތްތެރިވެފައެވެ.
“ކީރިތި މާތް ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِيْ رِزْقِهِ، وأَنْ يُنْسَأَ لَهُ فِيْ أَثَرِهِ، فَلْيَصِلْ رَحِمَهُ)[1] މާނައީ: “ތިމާގެ ރިޒުޤު ތަނަވަސް ވުމަށާއި، ތިމާގެ ޢުމުރު ދިގުވުމަށް އެދޭމީހާ ފަހެ، އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ.” [1] متفق عليه”
ޙުތުބާގައި ވަނީ ޢާއިލީ ގުޅުން ދެމެހެއްޓުމަށް ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން، ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރުމަކީ މިއަދު ކުރާން ޖެހިފައިވާ ދީނީ، އިޖުތިމާޢީ ބޮޑު މަސައްކަތެއް ކަމަށް ބުނެފައެވެ. އަދި އެކަމަށް ހިތްވަރު ލިބިގަނެ، އިސްނެގުމުގެ ކުޅަދާނަކަން ދެއްވުމަށް ﷲގެ ޙަޟްރަތުން ވާތްގަށް އެދުމަށް އެންމެހާ ރައްޔިތުންނަށް ޙުތުބާގައިވަނީ ނަސޭހަތްތެރިވެ ވަޞިއްޔަތް ކޮށްފައެވެ.



