އައިޑީކާޑާއި ޕާސްޕޯޓު ހެދުން ފަދަ ސަރުކާރުން ދޭ ހިދުމަތްތައް، ވިލިމާލެ އާއި ހުޅުމާލެއިން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މާލެ ނައިސް ވިލިމާލެ އާއި ހުޅުމާލެއިން އައިޑީކާޑާއި ޕާސްޕޯޓުގެ އިތުރުން ސަރުކާރުން ދޭ އެހެން ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
އަދި އެކަމަށްޓަކައި، އިމާރާތެއް ހެދުމަށް ވިލިމާލެއިން ބިމެއް ސިޓީ ކައުންސިލަށް ހަމަޖައްސާފައިވާ ކަމަށާއި، ކައުންސިލްގެ ބަޖެޓުގެ ތެރެއިން އެކަން ކުރެވެން ނެތް ނަމަ، ސިޓީސް އެންޑް ލޯކަލް ގަވަނެންސް މިނިސްޓްރީއާ މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އެ އިމާރާތް ހެދުމުން މާލެ ނައިސް ހޯދަން ޖެހޭ ހުރިހާ ހިދުމަތެއް އެއް ފުރާޅުގެ ދަށަށް ގެނެވޭނެ ކަމަށެވެ. އަދި އެ ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ކައުންޓާ ސާވިސް ސެންޓަރެއްޅުމާލޭގައި ވެސް ގާއިމްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހުޅުމާލެއިން މާލެއަށް ވަރަށް ގިނަ ރައްޔިތުން މި އަންނަނީ، ވިލިމާލެއަށް ވުރެ މާ ގިނަ ރައްޔިތުން، ކޮންމެ ދުވަހަކު އެކިއެކި ހިދުމަތް ހޯދަން. ޕާސްޕޯޓު ވިޔަސް، އައިޑީކާޑު ވިޔަސް، ވަރަށް ގިނަ ހިދުމަތްތައް ހޯދަން. މި ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ކައުންޓާ ސާވިސް ސެންޓަރެއް އިރާދަކުރެއްވިއްޔާ ހުޅުމާލޭގައި ވެސް ގާއިމްކުރެވޭނެ.”
ރައީސް ވަނީ މާލެއަށް ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލޭގައި މަދުވެގެން ހަތް ސްކޫލް އިމާރާތްކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.



