ނަރުހުންނަކީ ސިއްހީ ދާއިރާގެ މައިބަދަ ކަމަށާއި ސިއްހީ ދާއިރާއަށް ގުޑުމެއްނާރާނެހެން މައިބަދަ ވަރުގަދަކޮށް ބެހެއްޓުމަކީ މުޖުތަމައުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގިނަ އަދަދެއްގެ ނަރުހުން ސިއްހީ ދާއިރާއަށް ނެރެ ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަރުހުންނަކީ އާއްމު ހާލާތްތަކުގައި އަދާ ކުރާ ޒިންމާތަކުގެ އިތުރުން ގައުމަށް ދިމާވާ ކޮންމެ ހާދިސާއެއް އަދި ކާރިސާއެއް ނުވަތަ ދިމާވާ ކޮންމެ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ދެވަނައެއް ނެތް ނަމޫނާ ދައްކާފައިވާ ހިދުމަތްތެރިންތަކެއް ކަމަށެވެ.
އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ބައިނަލްއަގުވާމީ ނަރުހުންގެ ޖަމިއްޔާ އިން ކުރި ދިރާސާތަކުން ދައްކާގޮތުން ކޮވިޑް19ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔޭގެސިއްހީ ނިޒާމުގެ ބަލިކަށިކަން ހާމަވެ، އަދި މިބަލިމަޑުކަމުގެ ތެރޭގައި އެންމެ ބޮޑު ތަކުލީފްތަކަކާއި ގޮންޖެހުންތަކެއް އުފުލަންޖެހުނު އެއްބަޔަކީ ނަރުހުންކަން ވަނީ ފާހަގަކޮށްފައެވެ. މިކަންތައްތަކުގެ ތަޖުރިބާގެ އަލީގައި މިއަހަރުގެ ޝިއާރު ހާއްސަވެފައިވަނީ ނަރުހުންގެ ދާއިރާއަށް ވުނަކުރުމުގެ މުހިންމު ކަމަށް އަޑުއުފުލަމުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ތަފާތު ދާއިރާތަކުން ނަރުހުން ބިނާކުރުމަކީ ކުރިއަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއްކަން އަންގައިދިނުމަށްޓަކައި ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ފެށިގެން އައިއިރު ދިވެހިރާއްޖެވެސް ހިމެނޭހެން ކޮވިޑް19ގެ ސަބަބުން ގައުމުތަކުގެ ސިއްހީ ނިޒާމަށް އަސަރު ކޮށްފައިވާ މިންވަރު އަންދާޒާކޮށްލުމުން އެނގިގެންދިޔަ އެއްކަމަކީ، ރަނގަޅުފެންވަރެއްގައި ނަރުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކއި 2030 ވަނަ އަހަރާއި ހަމައަށް 6 މިލިއަން ނަރުހުން ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ބޭނުންވާނެ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ހެލްތް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
ކޮވިޑް19ގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ގައުމުތަކުގެ ސިއްހީ ނިޒާމަށް ކަމަށާއި ސިއްހީ ނިޒާމުގެ އެންމެ ބޮޑު ހިއްސާއެއްވާ ބަޔަކީ ނަރުހުން ކަމަށްވެސް ބުނެފައިވެއެވެ.