ޑެންގީ ފެތުރޭ މިންވަރު ރާއްޖޭގައި އިތުރުވަމުން އަންނަކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެ އެޖެންސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މާރޗް މަހު ރިޕޯޓް ކުރީ ޑެންގީގެ 26 ކޭސް ނަމަވެސް ނިމުނު އެޕްރީލް މަހު ވަނީ 92 ކޭސް ރިޕޯޓްކޮށްފައެވެ.
އަދި އެޕްރީލް މަހުގެ ފަހު ހަފްތާގައި އެކަނިވެސް ވަނީ ޑެންގީގެ 32 ކޭސް ރިޕޯޓްކޮށްފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ވޭތުވެދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާކަމަށެވެ. އަދި މިއަހަރުގެ ވޭތުވެދިޔަ 3 މަހާ އަޅާ ބަލާއިރު މި އެޕްރީލް މަހު ވަނީ އެއަދަދު އިތުރުވެފައި ކަމަށާއި އެހެންކަމުން ޑެންގީ ހުން ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.
ޑެންގީ އިން ރައްކާތެރިވުމަށްޓަކައި ހުސްފުޅި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުމާއި ފަތިސް ގަޑި އާއި އިރު އޮއްސޭ ވަގުތުގައި ގޭތެރޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ އެޅިދާނެ ފިޔަވަޅުތައް ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.
މީގެ އިތުރުންވެސް ވޭތުވެދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުވެސް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.