މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެފައިވާތީ މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ދިމާވަމުންދާ ދަތިތަކާ އެކު އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް ބުރޫނާރާނެހެން ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުނި ނެގުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާއިރު، މަގުތަކަށް ކުނި ނުނެރުމަށާއި، ކުނި ނަގާ ގަޑިއަށް ސަމާލުވެ އެގަޑިތަކުގައި ފަސޭހައިން ކުނި ނެގޭނެ ގޮތަށް ކުނިތައް ބެހެއްޓުމަށްވެސް ވެމްކޯއިން ވަނީ އިރުޝާދު ދީފައެވެ. އަދި އެއްވެސް ތަނަކުން ކުނި ނުނަގާ ހުރިނަމަ 1666 އަށް ގުޅައި، އެކަން އެންގުމަށްވެސް ވެމްކޯއިން އިލްތިމާސް ކޮށްފައިވެއެވެ.
މީގެއިތުރުން ޓްރާންސްފާ ސްޓޭޝަންތަކުން ޚިދުމަތް ހޯދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް އެކުންފުނިން އިރުޝާދުދެއެވެ.
ވެމްކޯއިން ވަނީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްވެސް މައާފަށް އެދިފައެވެ.
ރާއްޖެއަށް މިވަގުތު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ އެލާޓްވެސް ނެރެފައެވެ. އެގޮތުން އޮޖެންޖް، ޔެލޯ އަދި ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.



