އަހަރުގެ ފަހުކޮޅު މަޝްރޫއުތައް ފަށަން ނިންމާފައިވަނީ ބަޖެޓުގެ ތާށިކަން ހުރުމުން ކަމަށާޢި، މިހާރު ފެށިފައިހުރި ޕްރޮޖެކްޓުތައް އަހަރުތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ނިންމަން ވަރަށް ބައިވަރު މަޝްރޫއުތަކެއް ހުރިކަމަށާއި، އެހެންނަމަވެސް، މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ބަޖެޓެއް ނެތްކަމަށެވެ.
އެހެންކަމުން، ސަރުކާރުން އިސްކަން ދެނީ އެ މަޝްރޫއުތައް ނިންމުމަށް ކަމަށާއި އެގޮތުން، ބައެއް މަޝްރޫއުތަކަށް ބޭނުންވާ ފައިސާވެސް މިހާރު ދައްކާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ސަރުކާރުން ކުޅިވަރަށް ދެއްވާ އަހަމިއްޔަތުކަން ބޮޑުކަން ފާހަގަކުރައްވާ، މިހާރުވެސް ހުޅުމާލޭގައި އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން މާލޭގެ ކުޅިވަރު ކުޅޭ އެކި ތަންތަނަށް ލުއިވެގެންދާނެކަމަށް މިނިސްޓަރު ރާފިޢު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ ވަކި ރަށެއް ވަކި ސަރަހައްދެއް ތަފާތު ކުރުމެއްނެތި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރު ވަނީ އެކަމުގައި ގޮންޖެހުންތަކެއްވެސް ހުރިކަން ފާހަގަކުރައްވާފައެވެ.
“ވަރަށް ބައިވަރު ޕްރޮޖެކްޓުތައް އެބަހުރި. މުޅި ހުރިހާ ޕްރޮޖެކްޓެއް އެއްކޮށްލީމަ ދެ އަހަރުގެ ބަޖެޓަށްވުރެ ބޮޑު. އެހެންވެ ޕްރައޮރަޓައިޒްކޮށްގެން އެ ރަށަކުން އެންމެ ބޭނުންވާ އެންމެ މުހިންމު އެއްކަމެއް ދެކަމެއް ބަޖެޓް ކުރެވިފައި އޮތްކަމުގައިވިޔަސް އަޅުގަނޑުމެން ކައުންސިލާ ވާހަކަދައްކައިގެން ކުރިއަށްގެންދަން ގަސްތުކޮށްފައި އޮތީ. އަޅުގަނޑުމެންގެ އުއްމީދަކީ ތިންވަނަ ނުވަތަ ހަތަރުވަނަ ކުއާޓަރގައި ގިނަ ޕްރޮޖެކްތުތައް އިލާންކޮށްގެން ކުރިއަށްގެންދިއުން،” ސްޕޯޓްސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ ތިންވަނަ ނޫނީ ހަތަރުވަނަ ކުއާޓަރުގައި ގިނަ ޕްރޮޖެކްޓުތައް އިއުލާނުކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.