އިމިގްރޭޝަން ވޮޗް އިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 22 ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ހައްޔަރުކުރި 22 ބިދޭސީންގެ ތެރެއިން 14 މީހުންނަކީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިއްޔެ ހެނދުނު ގ. ހީނާމާގެ ޕާކިން ޒޯނުގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ތެރެއިން ހައްޔަރު ކުރި މީހުންނެވެ. އަދި އެމީހުންގެ އަތުގައި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތްކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މީގެއިތުރުން އިއްޔެ މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަނަކުން ވެސް ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 08 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެތަން ރިޕޯޓުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުން ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް “އިމިގްރޭޝަން ވޮޗް” މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހު އިފްތިތާހު ކޮށްފައިވާ އިރު، އިމިގްރޭޝަން ވޮޗް އަށް ލިބޭ މައުލޫމާތާ ގުޅިގެން ގިނަ ތަންތަން މިހާތަނަށް ވަނީ ބަލައި ފާސްކޮށްފައެވެ.
އިމިގްރޭޝަން ވޮޗްގެ ޒަރިއްޔާއިން ރިޕޯޓްކުރާ މައްސަލަތައް އިތުރުވަމުން އަންނަ އިރު މިއީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ އަދި ކާމިޔާބު އޮޕަރޭޝަނެއް ގޮތުގައި ވަނީ ފާހަގަ ވެފައެވެ. އިމިގްރޭޝަން ވޮޗްއަށް ރިޕޯޓްކުރާ މައްސަލަތަކުގެ ސިއްރު ހިފެހެއްޓޭނެ ކަމަށާއި މައުލޫމާތު ފޯރުކޮށްދޭ ފަރާތުން އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ހާލަތްތަކުގައި އެގޮތަށް ވެސް ރިޕޯޓް ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.



