ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.
މަޖިލީހުން އެ ގޮތަށް ފާސްކުރީ، ޓްރައިބިއުނަލްގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް ފަހުއެވެ. އޭގެ ތެރޭގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް ހިމެނޭ ގޮތަށް އިތުރު ތިން މެންބަރުން ވަކިކުރަން ވަނީ ފާސްކޮށްފައެވެ. އެ މެމްބަރުންނަކީ:
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީ
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސް ހުސެއިން ޒައިދާން ޖަލީލް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ޚަދީޖާ ނައީމް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު އަހުމަދު އަޝްރަފް
މި ހަތަރު މެމްބަރުން ވަކިކުރަން ރައީސްއަށް ލަފާދޭން މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު އިސްމާއީލް ސާޖިދު ވަކިނުކުރުމަށް ޖުޑިޝަރީ ކޮމިޓީން ނިންމީ، އެތަނާ ގުޅޭ މައްސަލަތައް މަޖިލީހުގެ ސަމާލުކަމަށް ގެނައީ އޭނާއަށް ވުމުން ކަމަށް ކޮމިޓީގައި މެންބަރުން ވަނީ ވިދާޅުވެފައެވެ.
ޖުޑިޝަރީ ކޮމިޓީން ވަނީ ޓްރިބިއުނަލްގެ ބައެއް މެމްބަރުން މަގާމުގެ ނުފޫޒު ބޭނުންކުރާ ކަމަށާއި، އެ މެމްބަރުންގެ މައްޗަށް ކުރެވޭ ނުހައްގު މުއްސަނދިކަން ހޯދުމާއި ކޮރަޕްޝަނުގެ ތުހުމަތުތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދުމަށްވެސް ނިންމާފައެވެ.



