އައިޖީއެމްއެޗްގެ މިސްކިތުގެ ތެރޭގައި ބަރަހަނާވެ، އެތަނުގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދެއްކި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ގުނަވަން ދެއްކުމުގެ މައްސަލައެކެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާއަށް ތުހުމަތުކޮށްފައިވާ ކުށް އޭނާ ކުރިމަކަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ވާގޮތުން، ހަމަ މި މީހާ މިދިޔަ ޖޫން މަހު ސްކޫލަކަށް ވަދެ، އެ ތަނުގައި ތިބި ބަޔަކަށް ވެސް ޖިންސީ ގުނަވަން ވަނީ ދައްކައިފައެވެ.
އަދި އޭނާއަކީ ބަންދުގެ ރެކޯޑު އޮތް ފަރާތެއް ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.



