ބަވަނަވެފައިވާ ދުނިޔޭގައި ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއަށްވެސް ވަކި ޚާއްޞަ ގޮންޖެހުންތަކަކާއި ފުރުޞަތުތަކެއް އެބަހުރިކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައިވަނީ ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ހުރިހާ ފަރާތްތަކެއް ހިމެނޭ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ވާސިލުވުމަށްޓަކައި ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމާބެހޭ ގޮތުން އަލިއަޅުއްވާލައްވާލައްވާފައެވެ. އަދި ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ވަކި ޚާއްޞަ ޙާލަތްތަކަށާއި ވަސީލަތްތަކަށް ރިޢާޔަތްކުރަންޖެހޭކަން ދެނެގަތުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެންމެންނަށް ފައިދާ ލިބޭފަދަ އިޤްތިޞާދީ ގޮތުން ބަވަނަވެފައިވާ ދުނިޔެއަކަށް ތަރައްޤީގެ ސްޓްރެޓެޖީތައް އެކުލަވާލުމަށްޓަކައި، ދެމެހެއްޓެނިވި އުސޫލުތަކަށާއި، ޑިމޮކްރެޓިކް އުސޫލުތަކަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމުކަމެއްކަމާއި، ދިވެހިރާއްޖެއިން މިމަގަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި އެކަމުގައި ޗައިނާއާއި އަދި އެހެނިހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަންވެސް ޢަބްދުއްރަޙީމް ވަނީ ހާމަކުރައްވާފައެވެ.
އެމަނިކުފާނު ވަނީ މިދިޔަ މެއި މަހު އެންޓިގުއާ އެންޑް ބާބިއުޑާގައި ބޭއްވުނު ސިޑްސްގެ 4 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަށް ޙަވާލާދެއްވައި، ދެމެހެއްޓެނިވިކަމަކީ ދިވެހިންގެ އަސާސްކަމާއި، ވިލުންތެރިކަމަކީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ ސްޓްރެޓެޖީތައް ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް އޮނިގަނޑާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ވަރަށް ގާތުން ގުޅިފައިކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވި އެވެ.
2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސް ކުރިއަށްދާނީ 18 އިން 23 އޯގަސްޓްގެ ނިޔަލަށެވެ.



