ފުޅާދާއިރާއެއްގައި ބިއުޓީ ސެލޫންގެ ވިޔަފާރިކުރަމުން އައި ނޭޕާލް އަންހެނެއްގެ ވިޔަފާރި ހުއްޓުވައި، އެތަނުގެ ވެރިޔާއާއި ހިންގަންތިބި މީހުން ޑީޕޯޓްކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓާފައިވަނީ ދިވެހިންގެ މެދުގައި މަޤުބޫލުކަން ހޯދަމުން އައި ރިޓްސް ބިއުޓީ ސެލޫން ހިންގަމުން އައި ފަރާތްކަމުގައިވާ ރަޖަނީ ޝްރެސްތާ (ރިޒް)އެވެ. އެ ސެލޫނަކީ ދިވެހިންގެ ގިނަ ބަޔަކު ޚިދުމަތް ހޯދަމުންއައި ތަނެކެވެ.
އޭނާ ހިންގަމުން އައި ސެލޫނާއި އެތަނުގެ ޚިދުމަތުގެ ކަންކަން އިމިގްރޭޝަނުން ބަލާފައިވަނީ އިމިގްރޭޝަން ވޮޗަށް ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެގޮތުން އެތަނުގެ ޚާއްސަ އިންސްޕެކްޝަނެއް ހިންގާފައިވަނީ މިމަހުގެ 11ވަނަ ދުވަހުކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އެ ބިދޭސީ މީހާއަކީ އޭނައަށް ދޫކޮށްފައިވާ ވިސާގެ ބޭރުން ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ މީހެއްކަން އެނގިފައިވާކަމަށެވެ. އަދި އެތަނުގައި ޚިދުމަތްދޭން އުޅުނު 04 ބިދޭސީ މުވައްޒަފުންގެ ސައްހަ ވިސާއެއް ނެތުމުގެ ސަބަބުން، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، އޮގަސްޓު 13ވަނަ ދުވަހު ރާއްޖެއަށް އަނބުރާ ނާދެވޭގޮތަށް އެމީހުން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތުދީފައެވެ.



