ސުޒޫ ބިއުޓީ ސެލޫންގެ ނަމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ، ސުޝްމިތާ ދައުގޯދާ (ސުޒޫ) ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ސުޝްމީތާ އަތުލައިގަތީ، އެ އިދާރާގެ “އިމިގްރޭޝަން ވޮޗް”އަށް ޕޯޓަލްއަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އިންޕެކްޝަނެއްގެ ތެރެއިންނެވެ. އެއީ މި މަހުގެ 18 ވަނަ ދުވަސްކަމަށް އިމިގްރޭޝަނުން ލިޔެފައިވެ އެވެ.
އޭނާއަކީ ވިސާގެ ބޭރުން ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ މީހެއް ކަމަށްވާތީ ރާއްޖެ ނާދެވޭ ގޮތަށް މި މަހުގެ 20 ވަނަ ދުވަހު ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ރިޓްޒް ބިއުޓީ ސެލޫންގެ ވެރިޔާ ރަޖަނީ ޝްރެސްތާ (ރިޓްޒް) ވެސް ޑީޕޯޓުކޮށްލާފައެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި ރިޓްޒް ހިންގި ސެލޫންގައި މަސައްކަތް ކުރި އިތުރު ހަތަރު ބިދޭސީއެއް ވެސް ޑީޕޯޓްކޮށްފައިވެއެވެ.



