އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމުގެ ތިންވަނަ ބުރު 40 އިމާމުން ފުރިހަމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މި މަޝްރޫއުގެ ތިންވަނަ ބުރު ކުރިއަށް ގެންގޮސްފައިވަނީ ވ އަދި މ އަތޮޅުގެ އިމާމުންނަށް އަމާޒުކޮށްގެންނެވެ. އަދި މި ބުރުގައި 40 އިމާމުން ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓު ޙާސިލްކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށްވާއިރު، މިހާތަނަށް 157 އިމާމުން ތަމްރީންކޮށް ނިމިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
ޖުމްލަ 9 މޮޑިއުލެއް ބައިވެރީންނަށް އުނގަންނައިދެވޭ މި ތަމްރީނު ޕްރޮގްރާމުގެ ކަރިކިއުލަމް ތައްޔާރުކުރައްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ސީދާ އިރުޝާދުގެ ދަށުންނެވެ.
އިމާމުން ތަމްރީންކުރުން ނުވަތަ ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. 3 ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 09 މާއްދާ ކިޔަވާދީފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމް ގެ މަޤްސަދަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީނެއް ދިނުމާއި، މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ގުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި ފިޤުހާއި ޙަދީޘާއި އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދިނުމާއި، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމެވެ.




ތާޒާ ކުރުމާއި ތަމްރީނުކުރުމަކީ ތަފާތު 2 ކަމެއް ޚަބަރު ކިޔާނިމުނުއިރު ކުރީ ތަމްރީނުކަމެއް ނުވަތަ ތާޒާކައް އޮޅިއްޖެ