ފުލެޓު ހަވާލުކުރުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލާފައި އޮތީ މިނިސްޓްރީން ލަފާދިނުމުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ބުނެފިއެވެ.
ފްލެޓް ޙަވާލުކުރުން ލަސްވެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެފްޑީސީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭނެ ފްލެޓު ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހައުސިން މިނިސްޓްރީން ކަމަށެވެ.
އެހެންކަމުން ޔުނިޓު ހަވާލުކުރުރުމާ ގުޅޭ އެންމެހާ ކަންކަމުގައި އެ ކޯޕަރޭޝަނުން އަމަލުކުރާނީ މިނިސްޓްރީން އަންގާ ގޮތުގެ މަތީންކަމަށް އެ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނުގައިވެއެވެ.
“އެހެންކަމުން، ޔުނިޓު ހަވާލުކުރުމާ ގުޅޭގޮތުން ކުރެވޭ އެންމެހާ މުއާމަލާތްތައް ކުރިއަށްގެންދެވޭނީ އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީން ވަކިގޮތެއް އެންގުމުން ކަމުގައި ދަންނަވަމެވެ.” އެފްޑީސީގެ ބަޔާނުގައިވެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4،000 ފްލެޓުގެ މައްސަލަ މި މަހުގެ ތެރޭގައި މުރާޖައާ ކުރެވޭނެކަމަށާއި، މި މަސައްކަތް އޮކްޓޯބަރ މަހަށް ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވަނީ ދާދި ފަހުން މަޖިލީހުގައި ވިދާޅުވެފައެވެ.



