އާދިއްތަ ދުވަހު ރުފިޔާ ބީއެމްއެލް އިން އެކައުންޓްތަކުން ބޭރުގެ މުއާމަލާތްތައް ނުހިންގޭ ގޮތަށް ނިންމުން ނިންމި ވަގުތާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ހިންގަން އުޅުނީ ބަޣާވާތެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ބީއެމްއެލްއިން ޑޮލަރުގެ މުއާމަލާތާއި ގުޅޭގޮތުން ކުއްލިގޮތަކަށް ނިންމުން ނިންމާފައިވަނީ އެމަނިކުފާނުގެ އިރުޝާދާއިއެކު ނޫންކަމަށާއި އެކަން ކޮށްފައިވަނީ ބަޔަކު އަޑީގައި ތިބެގެންކަމަށް ތުހުމަތު ކުރެވޭކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ ބީއެމްއެލް އިން ނިންމުން ނިންމި ވަގުތާއި ދިމާކޮށް އެމްޑީޕީން ޕްރެސް ކޮންފަރެންސެއް ބޭއްވުމާއި ސަރުކާރާ ދެކޮޅަށް މީހުން މަގުތަކަށް ނުކުންނަން ހިތްވަރު ދިނުމަށް ކުރި މަސައްކަތް ގުޅުވައިލުމުން އެއީ ބަޣާވާތެއް ކަން އެނގޭ ކަމަށެވެ.
“މި ދެންނެވި ހުރިހާ ޑޮޓެއް ގުޅޭ ކަން ސަލާމަތުން ބުއްދި ހުރި މީހަކަށް އެނގޭނެ. މިއީ ހަމަ ބަޣާވާތެއް،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުން މިހާރު ވަނީ ނޫސްބަޔާނެއް ނެރެފައިކަމަށާއި، އެ އަމަލަކީ ގާނޫނީ ސަރުކާރެއް ވައްޓާލުމަށް ހިންގި އަމަލެއްގެ ގޮތުގައި އެބޭފުޅުންނަށް ބެލެވޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުން ބުނެފައިވާކަމަށެވެ.
ފުލުހުން ތަހުގީގު ހިންގުމަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް ވަނީ މި ސަރުކާރުން ފުލުހުންގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި ފުލުހުންގެ “ޕްރޮފެޝަނަލް” ތަހުގީގުން ފާހަގަވާ ކަންކަމަށް ފިޔަވަޅު އެޅުމާއި، ދައުވާކުރުމާއި ޝަރީއަތް ހިންގުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.