މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، ސަރުކާރަށް މުހިންމު ކަމެއް ދިމާވެއްޖެނަމަ ދައުރުން ބޭރުގެ ރައްޔިތުންގެ ޖަލްސާތައް ބާއްވައިގެން އެކަމެއް ކޮށްދޭން ތައްޔާރަށް ތިބިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މިއަދު ޕީއެންސީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އަގްލަބިއްޔަތެއް ރައްޔިތުން ދެއްވީ ސަރުކާރު ހިންގަން ބޭނުންވާ ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ކޮށްދިނުމުގެ ބޭނުމުގައި ކަމަށާއި، ސަރުކާރަށް އާމްދަނީ ހޯދުމާއި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ ކަންކަން ކުރުމުގައި މަޖިލިސް ދައުރު ނިމެންދެން ނޯންނާނެ ކަމަށެވެ.
“އިދާރަކުރެއްވިޔާ ސަރުކާރުން ތައްޔާރުވީހާ އަވަހަކަށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނަށް. ސަރުކާރަށް އާމްދަނީ ހޯދުމަށްޓަކައި ރައްޔިތުންނަށް ހިދުމަތްތައް ފޯރިކޮށްދިނުމަށްޓަކައި ބޭނުންވާ ކަންކަން ހޯދުމަށް މަޖިލިސް އެއްގޮތަށް ވެސް ނޯންނާނެ ދައުރު ނިމެންދެން.”، އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ހިޔާނާތަކީ ދައުލަތުގެ ވަރަށް ގިނަ ފައިސާ ހިމެނޭ މައްސަލައެއް ކަމަށާއި އެހެންކަމުން އެންމެ އިސްކަމެއް ދީގެން ބަލާނެ އެއް މައްސަލައަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ކަމަށް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އިތުރުން މިދިޔަ ސަރުކާރުގައި ހިނގި ވެންޓިލޭޓަރު މައްސަލައާއި ފެނަކައިގެ މައްސަލަ ވެސް ބަލާނެ ކަމަށާއި މިފަދަ ބޮޑެތި މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަލާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



