އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަން އިފްތިތާޙް ކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ވެބްސައިޓުގައި ސަދަގާތް ކުރުމަށް ހާއްސަ ޕޭޖެއް ގާއިމްކޮށް އެކަން ލޯންޗުކޮށްދެއްވީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ ޞަދަޤާތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ޞަދަޤާތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ޞަދަޤާތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން ދީނީ އެކި ކަންކަމަށް ވީހާވެސް ގިނަ ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޝަހީމް އެދިވަޑައިގެންނެވިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓްރީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަންތައްތަކުގެ ތެރޭގައި ގުރުއާން ހިފްޒު ކުލާސްތަކަށް އެހީވުމަށާއި، އުމްރާއަށް ފޮނުވުމަށް އެހީވުމާއި، އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް އެހީވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ. އަދި އިސްލާމީ ލައިބްރަރީތައް ގާއިމްކުރުމަށް އެހީވުމަށާއި، މިސްކިތް ބިނާކުރުމަށް އެހީވުމަށާއި، ގުރުއާން ހިތުދަސްކޮށް ނިންމާ ފަރާތްތައް އުމްރާއަށް ފޮނުވުމަށާއި، ދީނީ ހަރަކާތްތަކަށް ސްޕޮންސާ ދިނުމުގެ އިތުރުން މިސްކިތްތަކަށް އެހީވުމުގެ ކަންކަން ހިމެނޭ ކަމަށްވެސް ބުންޏެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓުގައި މިކަމަށްޓަކައި ޤާއިމްކޮށްފައިވާ ޕޭޖުން ޞަދަޤާތްތަކާއި ގުޅޭ ޚަބަރުތަކާއި، އެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ޤާއިމްކުރާ މިސްކިތްތަކުގެ މަޢުލޫމާތާއި ފަންޑުތަކުގެ ރިޕޯޓު ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.




ރާއްޖެއިން ބޭރުގައި ތިބި ފަގީރު ދިވެހީންނަށް ޞަދަގާތް ދޭން ޖެހޭ….ބޭރުގައި ތިބި ބައެއް ދިވެހީންނަކީ މާލޭގައި ޚަރަދު ބޮޑުވާތީ އައިސްތިބި މީހުން.