ކ. ތިލަފުށި ތަރައްޤީކުރުމަށް ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުމަށްފަހު ސްލޯޕިންގެ މަސައްކަތް ކުރަމުންދާތީ އެ ސަރަހައްދުގެ ފަޅުތެރެއިން އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފިއެވެ.
އެޗްޑީސީން ބުނީ ހަތް ދުވަހުގެ ތެރޭގައި އެ ސަރަހައްދުން އުޅަނދުތައް ނަގަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގައި އުޅަނދުތައް ނުނަގާނަމަ ”ކ. ތިލަފުއްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު އަމަލުކުރަމުގެ އުސޫލު“ ގެ ދަށުން އުޅަނދުތަކާމެދު އަމަލުކުރެވޭނެ ކަމަށެވެ.
މިކަމާބެހޭ ގޮތުން އިތުރުކަމެއް ސާފު ކުރުމަށް ބޭނުންވާނަމަ، ހޮޓްލައިނަށް ގުޅައިގެން އެކަން އޮޅުންފިލުވުމަށް އެޗްޑީސީ އެދުނެވެ. އަދި ތިލަފުށި ހިއްކައި ތަރައްޤީކުރުމަކީ ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރަމުން ގެންދާ މަޝްރޫއުއެއް ކަމަށާއި، އެހެންކަމުން މި މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީން ބުނީ މި ކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުން ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން، 1516 އަށް ގުޅައިގެން ކުރިޔަށް ގެންދިއުމަށެވެ.



