ހުޅުމާލޭގައި 15 ޕާކިން ބިލްޑިން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕާކިން ބިލްޑިންތަކަކީ ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށާއި، ވެހިކަލްތަކަށް ރައްކާތެރިކޮށް ޕާކްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އެ ޕާކިން ބިލްޑިންތަކުގައި ކޮމާޝަލް ޔުނިޓުތައްވެސް ހިމެނޭނެއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫއު ދޫކުރުމުގައި އިސަކަންދޭނީ އީޕީސީ ޕްލަސް އެފް (އިންޖިނޭރިން، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް) މޮޑެލްއަށް ކަމަށެވެ. ނަމަވެސް، އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ.
އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް މަޝްރޫއު ހަވާލު ކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވެއެވެ. އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނެއެވެ.
އެހެންކަމުން، ހުޅުމާލޭގައި ޕާކިން ބިލްޑިންގ ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ސެޕްޓެމްބަރު 16، 2024 ގެ 14:00 ގެ ކުރިން އީއޯއައި ހުށަހަޅަންޖެހެއެވެ. އީއޯއައިތައް ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ.
މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން https://www.hdc.mv/announcements/ ލިބެން ހުންނާނެއެވެ. އަދި އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.



