ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާ އެއްވެސް އިރެއްގައި ގާތް ގުޅުމެއް ނުބާއްވާ ކަމަށާއި، ދުވަހަކުވެސް ވަކިން ބައްދަލުވުމެއް ނުބާއްވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބައެއް މިނިސްޓަރުން އަދީބާ ވަރަށް ގާތްކޮށް އުޅުނު ނަމަވެސް އެމަނިކުފާނު އެހެން ނޫޅުއްވާ ކަމަށެވެ. އަދި އެކުގައި މަސައްކަތްކުރާ މީހެއްގެ ގޮތުން ޕްރޮފެޝަނަލް ގުޅުމެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.
“އެއްވެސް އިރެއްގައި ނޯންނާނެ ނައިބު ރައީސަކަށް ވަޑައިގެންނެވި އިރުގައިވެސް ވަކިން މީޓިންއެއް ބާއްވާ ކަން މަޝްވަރާތަކެއް ކުރައްވާފައެއް. އަޅުގަނޑަކަށް ވިދާޅެއްވެސް ނުވެ މީޓިންއަކަށް ވަޑައިގަންނަވާކަށްވެސް،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ބޮން ގޮއްވުމުގެ ހާދިސާއާ ގުޅިގެން އަދީބާ ބައްދަލުނުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ހާދިސާއަށްފަހު އަދީބު ފެނިވަޑައިގަތީ އެއް ދުވަހަކު މީހެއްގެ ޖަނާޒާއަށް ވަޑައިގެން އާސަހަރާގައި ހުންނަވަނިކޮށް ކަމަށް ވިދާޅުވިއެވެ.
ރައަީސް މިހެން ވިދާޅުވެފައި މިވަނީ، ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އބްދުﷲ ޔާމީން، ރައީސް މުއިއްޒު އޭރު އަދީބު އަތުން 14 މިލިއަން ރުފިޔާ ނެންގެވި ކަމަށް ތުހުމަތު ކުރައްވާފައި ވަނިކޮށެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ މި ތުހުމަތު ދޮގުކުރައްވާފައެވެ.



