ޤަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީން ދެނެގަތުމަށް މިދިޔަ ބުދަ ދުވަހު ހިންގި ޚާއްޞަ ހަރަކާތުގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީންނަށް ނޯޓިސް ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްޚަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޚާއްސަ ހަރަކާތެއް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ދެ ގަޑިއިރަށް ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ތެރެއިން މާލޭގެ 582 ތަނެއް ބަލައި ފާސްކޮށް، 1،025 ބިދޭސީންނާ ސުވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
މި ހަރަކާތުގައި، ވިސާ ފުރިހަމަ ނުވާ 273 ބިދޭސީންނަށް ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ހާމަކުރިއެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތްކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށާއި މި ހަރަކާތުގެ ތެރެއިން ވަނީ، ރާއްޖޭގައި ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީންގެ ތެރެއިން 10 މީހަކު ހޯދައި، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އިމިގްރޭޝަނުން ކުރިއަތް ގެންދިޔަ މި އޮޕްރޭޝަންގައި ޖުމްލަ 211 އިމިގްރޭޝަން އޮފިސަރުން 52 ގްރޫޕްއަކަށް ބަހާލައި މާލޭގެ 26 ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ.



