ޖަމިއްޔާތަކުގެ އިސްވެެރިންގެ އެކި ކަހަލަ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި އަދި ހިއްސާކުރަން ބޭނުންވާ ވާހަކަތައް ހިއްސާކުރަން ބޭނުންވާ ވަރަކަށް ފުރުސަތު ދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ބޭފުޅުންނާއި، ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމުގެ ކުރިން މައުލޫމާތު ޙިއްސާ ކުރައްވަމުން ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ދެ ބައްދަލުވުމަކީ ވަރަށް “ލުކް ފޯވާޑް” ކުރާ ބައްދަލުވުމެއްކަމަށެވެ.
ގެދޮރުވެރިކަމުގެ މައްސަލާގައި ރައީސް ބައްދަލުކުރައްވާނީ ގެދޮރުވެރިންގެ ޔޫނިއަންތައް ކަމަށްވާ ފަހި ޔޫނިއަން, ގިރާވަރު, މާލެ ސިޓިޒަންސް އެސޯސިއޭޝަންސް, ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން, ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލެ ރަށްވެހިންގެ ޖަމިއްޔާގެ އިސްވެރިންނާ އެވެ.
ބޮޑު ކަންނެލި މަސްވެރިކަން ރާއްޖޭގައި ކުރިއެރުވުމަށް ސަރުކާރުގެ ސިޔާސަތަކީ އެކަމުގައި މަސައްކަތް ކުރާ މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް ދިއުންކަމަށެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންކަމަށްވެސް ރިޔާއަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ކޮންމެ އިންޑަސްޓްރީއެއްގައި މަސައްކަތް ކުރި ނަމަވެސް އެ މީހުންގެ އަޑު އަހައިގެން ކުރިއަށްދިއުމަކީ ސަރުކާރުގެ ސިޔާސަތުކަމަށްވެސް ވިދާޅުވިއެވެ.
މި ހުރިހާ ޔޫނިއަންތަކަކާއިވެސް ބައްދަލު ކުރައްވަނީ އެއްކޮށްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބައްދަލުވުމުގައި އެބޭފުޅުންގެ އިހުސާސްތަކާއި، ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަދި ސިޔާސަތަކީ ކޮންމެ ދާއިރާއަކުންވެސް އެ ދާއިރާއެއްގެ މަސައްކަތްކުރާ ބައެއްގެ އަޑު އަހައިގެން ކަންކަން ބައްޓަން ކުރުން ކަމަށެވެ.
މި ޔޫނިއަންތަކަކީ ވަރަށް ގިނަ ރައްޔިތުން ތަމްސީލު ކުރާ ބައެއްކަމުން، އެ މީހުންގެ އަޑު އައްސަވާނެކަމަށް ފާހަގަކޮށް ރައީސް ވިދާޅުވީ، މި ބައްދަލުވުމުގެ ނަތީޖާއަކަށް ވެގެންދާނީ ގެދޮރުވެރިކަމާއި ގުޅިގެން ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަންތައްތަކާއި، ކުރިއަށް އޮތްތާގައި ނިންމަން ހުރި ކަންކަމުގައި ޚިޔާލާއި މަޝްވަރާ ލިބުންކަމަށް ފާހަގަކުރެއްވިއެވެ.



