އައްޑޫ ސިޓީއަށް 300 މެޓްރިކް ޓަނުގެ ކާގޯ އެތެރެކުރުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޕޯޓްސްޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ހާމަކުރައްވައިފިއެވެ.
އެމްޕީއެލްގެ ސީއީއޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، އިންޑިޔާގެ ޓުޓިކޮރިން އިން ފުރައިގެން އަންނަ “އެމްވީ ނިއުމަތު” ނަމަކަށް ކިޔާ އުޅަނދެއްގައި މި ކާގޯ އުފުލަމުންދެއެވެ. މި އުޅަނދު ހިތަދޫ ރީޖަނަލް ޕޯޓަށް ޝެޑިއުލްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ބުދަ ދުވަހުއެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މި އުޅަނދުގައި ގެންނަ މުދަލުގެ ތެރޭގައި ތަރުކާރީއާއި މޭވާގެ އިތުރުން އެހެނިހެން ޖެނެރަލް ކާގޯގެ ބާވަތްތައް ހިމެނެއެވެ. މިއީ އިންޑިޔާއިން އައްޑޫ ސިޓީއަށް ދާއިމީ ގޮތެއްގައި ކާގޯ ގެނައުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްދާ އޮޕަރޭޝަނެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވަޖީހު ފޭސްބުކްގައި މީގެ 4 ދުވަސްކުރިން ވަނީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ މުދާ އެތެރެކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުކަންދައްކުވައިދޭ ގްރާފެއް އާންމުކުރައްވާފަ އެވެ.
ވަޖީހު ހާމަކުރެއްވި ގޮތުގައި މިދިޔަ 9 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ އަދަދު ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. މިގޮތުން ޖެނެރަލް ކާގޯގެ ގޮތުގައި 12,600 ޓަނާއި 5,375 ކޮންޓެއިނަރު ކާގޯ ވަނީ އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ޖެނެރަލް ކާގޯ 22 އިންސައްތަ އަދި ކޮންޓެއިނަރު 4 އިންސައްތަ އިތުރުވެފައިވާ އަދަދެކެވެ.
ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގެންނަ ދެ ބޯޓު މި މަހުގެ 8 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭކަމަށް އެ ކުންފުނިންވެސް ވަނީ ލަފާކޮށްފައެވެ.
އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ އިމާރާތެއް ހއ. އުލިގަމުގައި ހުޅުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެތަނުގައި އެސްޓީއޯ، ކަސްޓަމްސް، އަދި އެމްޕީއެލް ފަދަ ސަރުކާރުގެ މުއައްސަސާތައް ޤާއިމްވެތިބޭނެކަމަށް ވަޖީހު އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނެފައިވެއެވެ. ވަޖީހު ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން އެ ޢިމާރާތް ހުޅުވާނެކަމަށް ވިދާޅުވެފައެވެ.



