ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރާއި، މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލޭފަދަ ހަގީގަތާއި ހިލާފު މައުލޫމާތު ފެތުރުމުން އެއްކިބާވުމަށް ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިފަދައިން ބުނެފައި މިވަނީ މީސް މީޑިއާގައި އާންމުވަމުން އަންނަ ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯ އާންމުކުރި ފަރާތުން ބުނެފައިވަނީ މެރީބްރައުން ރެސްޓޯރެންޓު ކައިރީގައި ހުންނަ ފުލުހުންގެ ވެހިކަލް ޓޯ ޔާޑުގެ ތެރެޔަށް ޓޯކުރި ސައިކަލްތަކެއް ފުލުހުން އުކާލަނީ ކަމަށެވެ.
ފުލުހުންގެ ޓޯޔާޑު ތެރޭގައި އުޅަނދުތަކެއް އުކާލާ މަންޒަރު ފެންނަ މި ވީޑިއޯ އާއި ގުޅިގެން ފުލުހުންގެ ހިދުމަތުން ވަނީ އެއީ ނައްތާލަން ގެންގޮސްފައި ހުރި ސައިކަލުތަކެއް ކަމަށް ބުނެފައެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުންގެ އަމަލުތަކާ މެދު ސޯޝަލް މީޑިއާގައި އާންމުން ސުވާލު އުފައްދަމުން ދަނިކޮށް އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ފުލުހުން ވަނީ މީޑިއާތަކާ ހިއްސާކޮށްފަ އެވެ.
ފުލުހުން ބުނިގޮތުގައި އެ ވީޑިއޯއިން ފެނިގެން ދަނީ އިއްޔެ ވަގުތެއްގައި ޤަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތައް ނައްތާލުމަށް ގެންދާ މަންޒަރެވެ. އަދި އެއީ އެ ޓޯޔާޑުން ނަގަމުންދާ ވެހިކަލްތައް ނައްތާލުމަށް ގެންދިއުމުގެ މަސައްކަތް ކުރިޔަށް ދިޔަ ވަގުތު ނަގާފައިވާ ވީޑިއޯއެއް ކަމަށް ވެސް ވިދާޅުވިއެވެ.
“ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މޭރީބްރައުން ކައިރީގައި އޮންނަ ޓޯޔާޑު ތެރެ ފެންނަ ވީޑިއޯއަކީ 6 ސެޕްޓެމްބަރު 2024 ވަނަ ދުވަހު ގަވާއިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް،” ފުލުހުން ބުނެ އެވެ.
އެދުވަހު ނައްތާލެވުނު ވެހިކަލްގެ އަދަދުވެ ސް ފުލުހުން ވަނީ އާންމުކޮށްފައެވެ. އެގޮތުން:
2 ފުރޮޅުލީ 247 ވެހިކަލް
4 ފުރޮޅުލީ 29 ވެހިކަލް
223 ބައިސްކަލް
01 އެމްބިއުލާންސް ވަނީ ނައްތާލާފައެވެ.



