އަމިއްލަ ކަމަކާ ޖެހުނީމާ ވަޒީފާ ހޯދުމާއި، ގަވައިދުތައް ބަދަލުކޮށް ކަންކަން ކުރުމަކީ ވެރިކަން ކުރާ އެމްޑީޕީގެ އާދައެއް ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ބަހުސްއާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޝުޖާއު ވިދާޅުވީ، ރޭގެ ބަހުސްއިން އެނގުނީ އެމްޑީޕީ އިން ކިޔާ ނަޒާހަތްތެރިކަމުގެ ހުދު ތާކިހަލަކީ ބޮޑު ފޭކް ސްޓޯރީއެއް ކަމަށެވެ. އަދި އަމިއްލަ ކަމަކާ ޖެހުނީމާ ރަށްތައް ކާލުމާއި ބަދަލުގެ ގޮތުގައި ފައިސާ ނަގާ ކާލުމަކީ އެމްޑީޕީގެ އާދައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މިމަހުގެ އެކާވީސް ވާ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރ ޕާރސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒު ފަހުމީ އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ދަނީ އެކި ޕޯޑިއަމްތަކުގައި ގިނަ ތުހުމަތުތަކެއް ކުރަމުންނެވެ.
މި އިންތިހާބުގެ ފޯރީގައި އެމްޑީޕީ ދެބަޔަކަށް ބެހިފައިވާއިރު އިމްތިޔާޒު ފަހުމީ އާއެކު ހުންނެވީ ނަޝީދުއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަށެވެ.