ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވައިފިއެވެ.
މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ޖުމުހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭ މޭރީބްރައުން ސަރަހައްދުގައެވެ.
މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.
ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.




މި ހަރަކާތް ކުރިއަށްގެންދަނީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުން އިސްނަގައިގެން އެހެނިހެން ޑިޕާޓްމަންޓުތަކާ ގުޅިގެންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ޙަރަކާތެއްވެސް މި މަހުގެ 1 އިން 3 އަށް ޤައުމީ ދާރުލްއާސާރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދޭންފެށިތާ މިހާރުވަނީ 20 އަހަރުވެފައެވެ. މީގެ 91 އަހަރުކުރިން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ތެރެއިން ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުވަނީ މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ޤާއިމުކޮށްފައެވެ.



