ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބަންކަރިންގ ޚިދުމަތް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.
ހީނާ މިހެން ދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެގޮތުން ހީނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ރާއްޖޭގައި ބަންކަރިންގ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމްކުރުމަށް ނުވަތަ ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ޤާއިމްކުރުމުގެ ވާހަކައަކީ ވަރަށް ޒަމާނުއްސުރެ ދެކެވެމުން އައި ވާހަކައެއް.” ހީނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ބޭނުންވާ ބޯޓުފަހަރު ގެނައުމާއި، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި އިކޮނޮމިކް މިނިސްޓްރީ މެދުވެރިވެގެން ތައްޔާރުވަމުންދާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ބަންކަރިންގ ޚިދުމަތް ފެށުމުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މީގެކުރިން ރައީސް ޑރ. މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.



