އާސަންދައިން ކުރާ އިސްރާފު ހުއްޓުވުމަށްޓަކައި، ބޮޑު އަގުގައި ބޭސް ވިއްކައި ނުހައްގު މަންފާ ހޯދުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ އަންގަވައިފިއެވެ.
ރައީސް ވިދާޅުވީ، ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 ޕަސެންޓުން ފެށިގެން 2000 ޕަސެންޓާ ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި ކަމަށެވެ. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް މިހާރު އަންގަވާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
“ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި.” ރައީސް އެކްސްގައި ވިދާޅުވި އެވެ.
މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިއުލާން ކުރައްވާނެ ކަމަށާއި މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަލާމްތަ ކުރެވޭ ފައިސާއިން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



