ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ރާއްޖެ ތަރައްގީކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ތަރައްޤީ ގެނައުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ އަމާޒަށް ވާސިލް ވުމަށްޓަކައި ސަރުކާރުގެ މަސައްކަތް އެގޮތަށް ބައްޓަން ކުރައްވާފާއިވާ ކަމަށެވެ.
އެގޮތުން ތައުލީމީ ނިޒާމަށް މި ސަރުކާރަށް ގެންނަން ބޭނުންވާ އިންގިލާބީ ބަދަލު ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ޝަފީއު ވިދާޅުވީ ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިން އިތުރުކުރުމަކީ މި ޕްރޮޖެކްޓުގެ ދަށުން ކުރެވޭނެ މަސައްކަތެއް ކަމަށެވެ.
އެގޮތުން ގްރޭޑް 3 ގެ ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 40 އިންސައްތައަށްވުރެ ދަށްވެފައިވާކަމަށާއި ގްރޭޑް 6 ގައި އިނގިރޭސި، ހިސާބު އަދި ދިވެހި މާއްދާވެސް ހުރީ 50 އިންސައްތައަށްވުރެ ދަށުގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ވަރަށް ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާ ޝަފީއު ވަނީ އޭލެވެލްއާއި އޯލެވެލްއިން ގިނަކުދިން ފާސްވާން ބޭނުންވާނަމަ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ އިންސައްތަ އިތުރު ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
“ސެކެންޑްރީ ގްރޭޑްތަކަށްވުރެ ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން ފައިސާ ހަރަދުކުރެވޭ މިންވަރުވެސް މަދު. ޒަމާނުއްސުރެން ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފަ އޮތީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް ވުޒާރާއިން މަސައްކަތް ކުރާނެކަން” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައުމު އާރާސްތު ކުރެވޭނީ ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެންކަމަށެވެ. އަދި ގައުމު ބިނާކުރުމުގައި، ދަރިވަރުންގެ އެއްބާރުލުން އިންތިހާއަށް މުހިންމުވާނެ ކަމަށެވެ.



