ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެ އެވެ.
އެޗްޑީސީއިން ބުނިގޮތުގައި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އެންގީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގައި ޤަވާއިދާއި ޙިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ދުވާރުމަތީގައި ބަހައްޓާފައި ހުރި ތަކެތި އެޗްޑީސީން މިދިޔަ މަހު ފަށާފައިވާ ކަމަށް ބުނެފައި ވެއެވެ.
އަދި އެ މަސައްކަތް އިތުރަށް ފުޅާކޮށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ހުރިހާ މަގުތަކެއްގައި ޤަވާއިދާއި ޙިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި ނެގުމަށް ނިންމާފައިވާކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފައެވެ.
އެހެންކަމުން އެޗްޑީސީ އިން ވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ހުރިހާ މަގުތަކެއްގައި ޤަވާއިދާއި ޙިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި މިމަހު 19 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެދިފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަގުތަކުގައި ބަހައްޓާފައި ހުރި ތަކެތި ނުނަގައިފި ނަމަ، މިމަހު 20 ވަނަ ދުވަހުން ފެށިގެން ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެތަކެތި ނެގުމުގެ މަސައްކަތް ފަށާނެކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީ އިން ވަނީ މި ތަކެތި ނަގާއިރު ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުނަގާނެކަންވެސް ހާމަކޮށްފައެވެ.
ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީ އިން މިހާރުވެސް އަންނަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.



