ރައީސް ޑރ. މުހައްމަދު މުއިއްޒު ދައުލަތް ހިންގުމަށް ގެންނަވާފައިވާ އިސްލާހީ ބަދަލުތަކާ، ގެންގުޅުއްވާ ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކާއެކު ރާއްޖޭގައި ދެން ފެށިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނެފައިވަނީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް މަރުހަބާ ކިޔައި، ނެރުނު ބަޔާނެއްގައެވެ.
އެގޮތުން އެ ޕާޓީ އިން ބުނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕާޓީތައް އެކުލެވޭ ނިޒާމަށް ނުގެނެސް ހުރި މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި އިންތިހާބުތައް އެއްކޮށް ބާއްވާ ގޮތަށް ނިޒާމު ބަދަލު ކުރުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
އަދި ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ކަން ކަށަވަރު ކުރުމަށްޓަކައި “މޯލްޑިވްސް ފަސްޓު” ސިޔާސަތު ތައާރަފް ކުރައްވާފައިވާ ކަންވެސް އެ ޕާޓީ އިން ވަނީ ފާހަގަކޮށްފައެވެ.
“މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވި އެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމުދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހި ކުރެއްވި އެވެ.” އެ ބަޔާނުގައިވެ އެވެ.
ޕީއެންސީ އިން ބުނީ ރާއްޖެއަށް ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ތައާރަފް ކުރިތާ މިއަދު 16 އަހަރު ވެގެން ދާއިރު، ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއެކު ޑިމޮކްރަސީގެ އާ ބާބެއް ރާއްޖެއިން ފެނިގެންދާނެ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ޖަލަށްލުމުގެ ސަގާފަތް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ ހިންގުން ހަރުދަނާ ކުރައްވާ އިސްލާމީ މިންގަނޑުގެ ތެރޭ ބައްޓަން ކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަ ކޮށް އެކަމަށް ޝުކުރު އަދާ ކުރާކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.