ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޒިންމާދާރު މަގާމުތަކަށް ބޭރު މީހުންގެ ބަދަލުގައި ދިވެހިން ލުމަށް ޓަކައި މަސައްކަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކުންފުނީގެ ބިލަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރައްވަމުން ނާޒިމް ވަނީ ބީއެމްއެލްގެ ކާޑުތަކުގެ ހިދުމަތްތައް ލިމިޓްކުރި ދުވަހު، އެ ބޭންކުގެ އޮޕަރޭޝަންސް ޑިރެކްޓަރާއި ކްރެޑިޓް ކޮންޓްރޯލު މެނޭޖަރާއި ރިސްކު މެނޭޖަރު ރާއްޖެއިން ބޭރުގައި ތިއްބެވިކަން ފާހަގަކުރައްވައިފައެވެ.
އެ މަގާމުތަކުގައި ތިއްބަވަނީ ބޭރު މީހުން ކަމަށާއި، މަހު މުސާރައިގެ ގޮތުގައި އެ މީހުންނަށް 15 ހާސް ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އަގާއި އެއްވަރަށް މަސައްކަތްކުރަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިފަދަ މަގާމުތަކަށް ދިވެހިން ގެންނަން ޖެހޭ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ބޭންކު އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގަމުންދާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ އެ ދުވަހު ދިމާވި ކަންތަކަށް ވުރެ ސީރިއަސް ކަންތައް ކުރިއަށް އޮތް ތަނުގައި ދިމާވުމަކީ އެކަށީގެންވާ ކަމެއް،”
ކުންފުނީގެ ބިލަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި މި ވަނީ ބީއެމްލްގެ ބޯޑަށް އައި ބަދަލުތަކާ ގުޅިގެން އެ ކުންފުނީގެ ޚާއްސަ އާއްމު ޖަލްސާ (އީޖީއެމް) އެއް ބާއްވަން އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ކުންފުންޏެއްގެ ޚާއްސަ އާންމު ޖަލްސާއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.