މިދިޔަ މަހު އަރިދަފުސް ރޯގާ އަދި ވައިރަލް ހުން ޖެހިގެން ފަރުވާ ހޯދި މީހުންގެ އަދަދު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި އޮގަސްޓު މަހު ނިމުނުއިރު އަރިދަފުސް ރޯގާ ޖެހިގެން 32،258 މީހުން ވަނީ ފަރުވާ ހޯދާފައެވެ. މީގެ އިތުރުން، ވައިރަލް ހުން ޖެހިގެން 12،461 މީހުން އަދި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ސަބަބުން 5،460 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ.
ނަމަވެސް، މިދިޔަ މަހާއި އަޅާބަލާއިރު، ޑެންގީ ހުމުގެ ފެތުރޭ މިންވަރު ވަނީ ދަށްވެފައެވެ. ޖުލައި މަހު ޑެންގީ ހުން ޖެހިގެން 577 މީހުން ފަރުވާ ހޯދި އިރު، އޮގަސްޓު މަހު އެ އަދަދު ވަނީ 393 އަށް ދަށްވެފައެވެ.
އެޗްޕީއޭއިން ވަނީ އަމިއްލަ ޞިއްޙަތަށް ސަމާލުކަން ދިނުމަށާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް އަތްދޮވުމާއި، މޫނު ނިވާކުރުމާއި، އަދި ޢާންމު ތަންތަނުގައި އެއްވެ އުޅޭއިރު ޖިސސްމާނީ ގޮތުން ދުރުހެލިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.



