ޒަކާތު ފަންޑު 100 މިލިއަން ރުފިޔާއަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ޒަކާތަށް ހޭލުންތެރިކުރުވަން ފެށި މަސައްކަތް ވަނީ ވަރަށް ކާމިޔާބުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 77 މިލިއަން ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވާ ކަމަށާއި، މިއީ އެހެން އަހަރުތަކާ އަޅާބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ 2025 ގައި 100 މިލިއަން ރުފިޔާއަށް ޒަކާތު ފަންޑު އިތުރުކުރުން. ޒަކާތު ފަންޑު 100 މިލިއަނަށް އިތުރުކުރެވިއްޖެނަމަ އެއީ ޒަކާތުގެ ތާރީހު ރާއްޖޭގައި ބަދަލުކޮށްލެވުން،” ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ފަގީރުންގެ ދަފްތަރުގައި މިހާތަނަށް 3,884 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. މި އަހަރު ބޮލަކަށް 4,000 ރުފިޔާގެ އަދަދަކުން ޒަކާތް ބަހާފައިވާ ކަމަށާއި، އެގޮތުން ޖުމްލަ 12 މިލިއަން ރުފިޔާ ފަގީރުންނަށް ބަހާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. މިއީ އެހެން އަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޒަކާތު ފަންޑުން މިދިޔަ މަހު އެކަނި ވެސް 130 މީހަކަށް އެހީވެފައިވާ ކަމަށާއި، އެގޮތުން ޒަކާތު ފަންޑުން އެހީގެ ގޮތުގައި މިދިޔަ މަހު 733,436.60 (ހަތްލައްކަ ތިރީސްތިން ހާސް ހަތަރުސަތޭކަ ތިރީސް ހަ ރުފިޔާ ފަސްދޮޅަސް ލާރި) ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ބޭސްފަރުވާގެ ހަތަރު ކަމަކަށް އެހީ ފޯރުކޮށްދީފައިވާ ކަމަށާއި، އެއީ ކެންސަރު ބައްޔާއި، ހިތުގެ އޮޕަރޭޝަން، ކިޑްނީ ބަލިތަކާއި، ސިކުނޑީގެ އޮޕަރޭޝަން ކަމަށް ޝަހީމް ވިދާޅުވިއެވެ.



