މާލޭގައި ގަވާއިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކު ފޯސް އިން ކުރަމުންދާ މަސައްކަތުގައި އެމީހުން އަތުލައިގެންފައިވަނީ އިއްޔެ މާލޭގެ މާފަންނަށް ނިސްބަތްވާ ދެ ގެ ބަލައި ފާސްކޮށްގެން ކަމަށެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.
އިމިގްރޭޝަނުން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން 10 މަސް ތެރޭގައި މި ސަރުކާރުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ 4،054 ބިދޭސީން ޑީޕޯޓްކޮށްލައިފައެވެ.



