ނިސްބަތުން ދިވެހިރާއްޖެ ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާބިތުކޮށްދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.
ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިހާރު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ.ގެ 79 ވަނަ އާއްމު މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެން ވަރަށް ގިނަ ކަންކަމަށް އަލިއަޅުވާލައި ތަގުރީރު ކުރައްވާފައެވެ.
އެ ތަގުރީރުގައި އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްތީނުގެ ސްކޫލުތަކާއި ގެތަކަށް ހަމަލާދީ ކުޑަކުދިންނާއި އަންހެނުން މަރައިގެން ހިންގަނީ ޓެރަރިޒަމް ކަމަށް ވިދާޅުވެ އެ ކަންކަމަށް އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެކަމަށް އިޝާރަތް ކުރައްވާ އަބްދުއް ރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިސްބަތުން ގައުމު ކުޑަވެފައި މީސްކޮޅު މަދު ނަމަވެސް ދުނިޔޭގެ ފެންވަރުގައި ދިވެހީންގެ އަޑު މަޑުނޫންކަން ދުނިޔޭގެ އެންމެ އުސް ސްޓޭޖުގައި ހުންނަވައިގެން ދިވެހީންގެ ރާއްޖޭގެ ރައީސް އެ ސާބިތުކޮށްދެއްވީ ކަމަށެވެ.
“ރައީސްގެ ހަރުދަނާ ސިޔާސަތާ މާދަމާއަށް ކުރައްވާ އުންމީދާ ދުނިޔެ މިއަދު ކުރިމަތިލާންޖެހިފައިވާ ބޮޑެތި މައްސަލަތަކަށް އަލި އަޅުވާލެއްވީ ހުއްޖަތާ ދަލީލުތައް ދައްކަވާ ދިވެހީން ފަޚުރުވެރިކުރުވަމުން. ތަހުނިޔާ ރައީސް،”. އެމަނިކުފާނު ކުރެއްވި އެކްސްގައި ވިދާޅުވެފައި ވެއެވެ.



