ހުޅުމާލޭގެ ރައުންޑްއެބައުޓް ތަކުގައި ބަހައްޓާ މޮނިއުމަންޓްތައް ޑިޒައިން ކުރުމުގެ މުބާރާތެއް އެޗްޑީސީން ހުޅުވާލައިފިއެވެ.
އެޗްޑީސީން ވިދާޅުވީ އާޓިސްޓުންނާއި ޑިޒައިނަރުންގެ އިތުރުން އާކިޓެކްޓުންގެ މެދުގައި މޮނިއުމަންޓް ޑިޒައިން ކުރުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށާއި މި މުބާރާތުގައި އުފެއްދުންތެރިންގެ ހުނަރު ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ހުނަރުވެރި ފަރާތްތަކުގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި މުބާރާތަކީ ހުޅުމާލޭގެ ސަގާފީވަންތަ ސިފަތަކަށް ވެސް ދެވޭ އެއްބާރުލުމެއް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭފަދަ 17 މޮނިއުމަންޓްތަކެއް ޑިޒައިން ކުރުމުގެ ފުރުސަތު އާޓިސްޓުންނާއި އާކިޓެކްޓުންނާއި ޑިޒައިނަރުންނަށް މިއަދު ހުޅުވާލާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އަންން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން [email protected] އަށް އެފަރާތުގެ ނަމާއި، ތަފުސީލު ތައާރަފަކާއި، ގުޅޭނެ ގޮތުގެ މައުލޫމާތުގެ އިތުރުން ހުށަހަޅާ ތަކެތީގެ ގޫގަލް ޑްރައިވް ލިންކު މެއިލް ކުރަން ޖެހޭނެއެވެ. 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.



