މިއަދު އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި އިމްތިޔާޒު ފަހުމީއަށް ދޭ ވޯޓަކީ ރައީސް ނަޝީދުގެ ނަފުރަތުގައި ސަރުކާރު ވައްޓާލަން ދެވޭ ވޯޓެއް ކަމަށް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އާއި އިމްތިޔާޒު ފަހުމީއެވެ. މި އިންތިހާބުގެ ކެމްޕެއިންގައި މުޅި އެމްޑީޕީ ވަނީ ދެބައިވެފައެވެ. މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިސަރުކާރާއެއްކޮށް ނަޝީދުއަށް މަސައްކަތް ނުކުރެވޭނެކަން އިއުލާންކޮށްފައިވާއިރު 2012ގައި ނަޝީދުގެ އިސްތިއުފާ އާއި ގުޅިގެން އެމްޑީޕީގެ މެންބަރުން ނިކަމެތިވެ މަގުމަތިވެ އެތައް ހާލެއްގައި ޖެހުނު ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއަށް ތާއީދު ކުރައްވާ ކަން ހާމަކޮށްފައިވަނީ މިހާރުގެ ވަޒީރުންނާއި ރައީސް ސާލިހުއަށް ތާއީދުކުރައްވާ ފަރާތްތަކެވެ. އިމްތިޔާޒު ފަހުމީ އަށް ތާއީދު ކުރައްވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އާއި އިލްޔާސް ލަބީބްފަދަ މެންބަރުންނެވެ.
ކޮންމެއަކަސް މިއަދު ކުރިއަށްދާ ވޯޓުގެ ނަތީޖާއިން ރާއްޖޭގެ ސިޔާސީ ދާއިރާއަށް ބޮޑު ބަދަލެއް އަންނާނެ ކަން ޔަގީނެވެ.