ކޮންމެ މީހަކާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރީ ކިހިނެއްތޯ ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
” ޒިންމާދާރުވުމާއި މަސްއޫލިއްޔަތު އުފުލުން” މި މައުޞޫގެ ދަށުން މިއަދުގެ ޚުޠުބާގައި ވަނީ އިސްލާމީ މުޖުތަމަޢުގެ ކޮންމެ ފަރުދަކީ މަސްއޫލިއްޔަތެއް އޮތް، އަދި އޭނާގެ މައްޗަށް ވާޖިބުތަކެއް ހުރި މީހެއްކަން ފާހަގަކޮށްފައެވެ.
ޚުޠުބާގައި ބަޔާންކުރެވުނު ގޮތުގައި، ކޮންމެ އިންސާނަކީ، އެމީހަކު މި ދުނިޔޭގައި ކުޅަ ކޮންމެ ޢަމަލަކާ މެދު، ބުނި ކޮންމެ ބަހަކާ މެދު، މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. އަދި ހަމަ އެފަދައިން، ކޮންމެ މީހަކީ ތިމާ ދިރިއުޅެމުންދާ މުޖުތަމަޢުގައި، އޭނާ ހިމެނޭ ހައިސިއްޔަތަކުން އެހެން މީހުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއްކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ޒިންމާދާރުވުމާއި، މަސްއޫލިއްޔަތު އަދާކުރުމުގައި ޤައުމުގެ އިސް ވެރީންނާއި، ޤާނޫނު ހަދާ މުއައްސަސާތަކާއި، ޢަދުލުއިންޞާފު ޤާއިމުކުރާ މުއައްސަސާތަކާއި، އެހެނިހެން މުހިންމު މުއައްސަސާތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު ވަކީން ބޮޑުކަން ޚުޠުބާގައި ފާހަގަކުރިއެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރެވުނު ގޮތުގައި، ކޮންމެ މަސްއޫލިއްޔަތަކީ މާތް ﷲ އެ ފަރާތަކާ ޙަވާލުކުރައްވައިފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެންކަމުން އެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުނުވުމަށް އިރުޝާދު ދީފައިވެއެވެ. ސަބަބަކީ ޤިޔާމަތް ދުވަހުން އެ ކަމުގެ ޒިންމާ އެ ފަރާތަކުން އުފުލަންޖެހޭނެތީއެވެ.
ނިންމާލަމުން، ޙުތުބާގައި ވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، އަހަރެމެންގެ އީމާންކަމާ ގުޅިފައިވާ ދެ ސިފައެއްކަން ފާހަގަކޮށްފައެވެ.



